ރައްޔިތުންގެ އަޑު

”ރައްޔިތުންގެ އަޑު“ ޕޯޓަލް ބޭނުންކުރުމުގެ ހަމަތަކާއި ޝަރުޠުތައް

ރައްޔިތުންނާ ސީދާ މުޢާމަލާތް ކުރެވޭނެ ގޮތް ހެދުމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ޤާއިމުކޮށްފައިވާ ސަރުކާރުގެ ރަސްމީ ޕޯޓަލް ”ރައްޔިތުންގެ އަޑު“ ޕޯޓަލަށް މަރުޙަބާ ދަންނަވަމެވެ. މި ޕޯޓަލުގެ ޒަރީއާއިން ސަރުކާރުގެ ހިންގުމާއި، ސަރުކާރުން ފޯރުކޮށްދޭ ޚިދުމަތްތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއި، ކަންބޮޑުވުންތަކާއި، ޝަކުވާތައް ހުށަހެޅުމަށާއި، ސަރުކާރާމެދު ރައްޔިތުން ފާޅުކުރާ ޚިޔާލުތައް ރަސްމީކޮށް ބަލައިގަނެ، ޙިއްޞާކުރުމަށް މަގު ފަހިވެގެންދާނެއެވެ.

”ރައްޔިތުންގެ އަޑު“ ޕޯޓަލް ބޭނުންކުރަންވާނީ އަންނަނިވި ގޮތުގެ މަތީންނެވެ.

އެއްބަސްވެވޭ ޝަރުޠުތައް

ޕޯޓަލް ބޭނުންކުރާ ފަރާތްތަކުން، މި އެއްބަސްވުމުގައި ހިމެނޭ ޝަރުޠުތަކާއި، ޕޯޓަލުގައި ހިމެނޭ އިތުރު ޝަރުޠުތަކާއި، އުސޫލުތަކާއި، ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން މި ޕޯޓަލް ބޭނުންކުރުމަށް އެއްބަސްވެއެވެ. މި ޝަރުޠުތައް ޤަބޫލު ނުކުރާނަމަ، މި ޕޯޓަލް ބޭނުން ނުކުރުމަށް އިލްތިމާސްކުރަމެވެ.

ޕޯޓަލް ބޭނުންކުރާ ފަރާތުގެ މަޢުލޫމާތު ކަށަވަރުކުރުމާއި ރުހުންދިނުން

ޕޯޓަލަށް ވަނުމަށް ޓަކައި ޕޯޓަލް ބޭނުންކުރާ ފަރާތުގެ ’oneGov‘ އައިޑީ އެކައުންޓް މެދުވެރިކޮށް، އެކްސްޓަރނަލް އައިޑެންޓިޓީ ޕްރޮވައިޑަރ (އައި.ޑީ.ޕީ) ގެ ގޮތުގައި ’eFaas‘ ބޭނުންކުރެވިގެންދާނެއެވެ. ޕޯޓަލަށް ސައިން-އިން ކުރުމުން، އެއްކުރެވޭ މަޢުލޫމާތާއި، އެ މަޢުލޫމާތު ބޭނުން ކުރެވޭނެ ގޮތް ބަޔާންކޮށް، ޕޯޓަލް ބޭނުން ކުރާ ފަރާތުގެ ރުހުން ހޯދުމަށް ޓަކައި ”ކޮންސެންޓް ސްކްރީން“ އެއް ޕޯޓަލަށް އަރާނެއެވެ. މި ސްކްރީންގައިވާ ކަންކަމަށް ރުހުން ދިނުމުން ޕޯޓަލުގެ ޕްރައިވެސީ ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތީން އެ މަޢުލޫމާތު ބޭނުންކުރުމަށް ރުހުން ދިންކަމުގައި ބެލެވޭނެއެވެ.

ޕޯޓަލް ބޭނުންކުރާ ފަރާތްތަކުން ގެންގުޅެންޖެހޭ ހަމަތައް

މި ޕޯޓަލް ބޭނުންކުރަންވާނީ ޤާނޫނު ހުއްދަކުރާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. މި ޕޯޓަލް ބޭނުންކުރުމުގައި، އަންނަނިވި ކަންކަން ކޮށްގެން ނުވާނެއެވެ.

  1. ޤާނޫނާ ޚިލާފު، އެއްވެސް ފަރާތެއްގެ އަބުރަށް ގެއްލުންވާ، ފުރައްސާރަކުރާ، ފާޙިޝް، ގަނާކުރުން، އިންޒާރުދިނުން ނުވަތަ އެ ނޫންވެސް ގޮތަކުން އިއުތިރާޒުކުރެވޭނެ ފަދަ ކޮންޓެންޓު މި ޕޯޓަލަށް ހުށަހެޅުން.
  2. އިންޓެލެކްޗުއަލް ޕްރޮޕަރޓީ ރައިޓްސް، ޕްރައިވެސީ ރައިޓްސް އަދި ޕަބްލިސިޓީ ރައިޓްސް ހިމެނޭހެން، ތިންވަނަ ފަރާތެއްގެ ޙައްޤަކަށް އަރައިގަނެވޭފަދަ ކޮންޓެންޓު މި ޕޯޓަލަށް ހުށަހެޅުން.
  3. ޝަޚްޞު އޮޅުވައިލުން ނުވަތަ އެއްވެސް ފަރާތަކާ ގުޅުން ހުރިކަން ދެއްކުމަށް ޓަކައި އޮޅުވައިލައިގެން ޕޯޓަލް ބޭނުންކުރުން.
  4. ވައިރަސް، ވޯމްސް ނުވަތަ ނުރައްކައުތެރި ކޯޑެއް ހިމެނޭފަދަ ކޮންޓެންޓު ޕޯޓަލަށް ހުށަހެޅުން.

ކޮންޓެންޓް މޮނިޓަރިންގ އާއި މޮޑަރޭޝަން

މި ޕޯޓަލް މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާ ހުރިހާ ކޮންޓެންޓެއް މޮނިޓަރކޮށް، މޮޑެރޭޓް ކުރުމުގެ ޙައްޤު ޕޯޓަލުގެ އެޑްމިނިސްޓްރޭޓަރަށް ލިބިގެންވެއެވެ. މި ޝަރުޠުތަކާ ޚިލާފުވާ ނުވަތަ އިއުތިރާޒު ކުރެވޭކަމަށް ބެލެވޭ މެސެޖުތައް ބަލައި ނުގަތުމުގެ ނުވަތަ ބާޠިލުކުރުމުގެ އިޚްތިޔާރު ޕޯޓަލުގެ އެޑްމިނިސްޓްރޭޓަރަށް ލިބިގެންވެއެވެ.

ކޮންޓެންޓުގެ އުސޫލުތައް

މި ޕޯޓަލަށް މެސެޖު ހުށަހަޅާއިރު ޢަމަލުކުރަންވާނީ، އަންނަނިވި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

  1. ހުށަހަޅާ މެސެޖަކީ އިޙްތިރާމާއި، އަދަބުވެރިކަމާއެކު ކޮށްފައިވާ މެސެޖެއްކަން ކަށަވަރުކުރުން.
  2. މެސެޖަކީ ސްޕޭމް ނުވަތަ އިޝްތިހާރު ނުވަތަ ސޮލިސިޓޭޝަނަކަށް ނުވުން.
  3. މެސެޖުގައި ހަޑިހުތުރު، އިޖުތިމާޢީ މިންގަނޑަށް ނުފެތޭ ނުވަތަ އެކަށީގެން ނުވާ ބަސްތައް ބޭނުން ނުކުރުން.
  4. މެސެޖުގައި އެހެން ފަރާތަކަށް ބިރުދެއްކުމާއި، ދެރައެއް ދިނުމަށް ނުވަތަ ހަޑިހުތުރު ބަސްތައް ބޭނުން ނުކުރުން.

މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރުކުރުން

ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ މަޢުލޫމާތުގެ ތެދު އަދި ޞައްޙަކަން ކަށަވަރުކުރުމަކީ ޕޯޓަލް ބޭނުންކުރާ ފަރާތުގެ ޒިންމާއެކެވެ.

އިޖާބަދިނުމުގެ މުއްދަތު

ޕޯޓަލް އެޑްމިނިސްޓްރޭޓަރުގެ އަމާޒަކީ ޕޯޓަލް މެދުވެރިކޮށް ލިބޭ މެސެޖުތަކަށް ވީހާވެސް އަވަހަށް ޖަވާބު ދިނުމެވެ. ޕޯޓަލަށް ހުށަހެޅޭ ކަންކަމަށް ވަގުތުން ވަގުތަށް އިޖާބަ ނުދެވިދާނެއެވެ. މި ކަމުގައި ޕޯޓަލް ބޭނުންކުރާ ފަރާތްތަކުގެ ކެތްތެރިކަމަށް ޝުކުރު އަދާކުރަމެވެ.

ލިމިޓޭޝަން އޮފް ލައިބިލިޓީ

ޕޯޓަލް ބޭނުންކުރުމުން ނުވަތަ ބޭނުންކުރަން ނުކުޅެދުމުގެ ސަބަބުން ސީދާގޮތުންނާއި، ނުސީދާގޮތުންނާއި، އެނޫންވެސް ގޮތަކުން ލިބޭ އެއްވެސް ގެއްލުމަކަށް ދިވެހި ސަރުކާރުން ނުވަތަ ސަރުކާރުގެ އެއްވެސް ފަރާތަކުން ޒިންމާއެއް ނުވާނެއެވެ.

މަޢުލޫމާތުގެ މިލްކުވެރިކަން

ޓެކްސްޓް، ގްރެފިކްސް، ލޯގޯ، އަދި ސޮފްޓްވެއާ ހިމެނޭ ގޮތަށް ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ހުރިހާ ކޮންޓެންޓާއި މެޓީރިއަލެއްގެ މިލްކުވެރިކަން ލިބިގެންވަނީ ދިވެހި ސަރުކާރު ނުވަތަ ލައިސަންސް ހޯލްޑަރަށެވެ.

މެއިންޓެނަންސާއި ސަރވިސް ސުޕަރވިޝަން

ޕޯޓަލުގެ މެއިންޓެނަންސަށް ނުވަތަ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ޓަކައި، ޚިދުމަތަކަށް ބަދަލު ގެނައުމުގެ ނުވަތަ ސަސްޕެންޑް ކުރުމުގެ ޙައްޤު ޕޯޓަލުގެ އެޑްމިނިސްޓްރޭޓަރަށް ލިބިގެންވެއެވެ. ޝެޑިއުލް ކުރެވިފައިވާ މެއިންޓެނަންސްއަކަށް ނުވަތަ ޚިދުމަތް މެދުކެނޑިދާނެ ޙާލަތްތަކުގައި ދުރާލާ ނޯޓިސް ދިނުމުގެ މަސައްކަތް ކުރެވިގެންދާނެއެވެ.

ޝަރުޠުތަކަށް ބަދަލުގެނައުން

މި ޝަރުޠުތައް ކުރިން އެންގުމަކާ ނުލައި، ކޮންމެ ވަގުތެއްގައިވެސް، އިޞްލާޙުކޮށް ނުވަތަ އަދާހަމަ ކުރުމުގެ އިޚްތިޔާރު ދިވެހި ސަރުކާރަށް ލިބިގެންވެއެވެ. މިފަދަ އެއްވެސް ބަދަލެއް ގެނައުމަށްފަހު، ޕޯޓަލް ބޭނުންކުރާ ކުރުމަކީ، އިޞްލާޙުކޮށްފައިވާ ޝަރުޠުތައް ޤަބޫލުކުރުން ކަމުގައި ބެލެވޭނެއެވެ.

ޤާނޫނު ހިނގާނެ ދާއިރާ

މި އެއްބަސްވުމުގެ ޝަރުޠުތައް މާނަކުރުމުގައި ޢަމަލުކުރާނީ ނުވަތަ އެ ޝަރުޠުތަކާ ގުޅިގެން އުފެދޭ އެއްވެސް ޚިލާފެއް ނުވަތަ މައްސަލައެއް ނުވަތަ އުފުލޭ ދަޢުވާތަކުގެ މައްޗަށް ހިނގާނީ ދިވެހިރާއްޖޭގެ ޤާނޫނުތަކެވެ.

ގުޅުއްވުމަށް

މި އެއްބަސްވުމާ ގުޅިގެން އެއްވެސް ސުވާލެއް، އަދި ކަންބޮޑުވުމެއްވާނަމަ، މި ޕޯޓަލް ބޭނުންކުރުމުގެ ކުރިން ޕޯޓަލް އެޑްމިނިސްޓްރޭޓަރާއި ޙިއްޞާކުރެއްވުމަށް ދަންނަވަމެވެ.

ފޯނު ނަންބަރު: 3323701އީމެއިލް: [email protected]

National Emblem Black and White

© 2024

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ބޮޑުތަކުރުފާނު މަގު، މާލެ

20113

|

3323701